ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅުން
-
ދިވެހިރާއްޖޭގެ ފަރާތުން: ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
-
އިތިޔޯޕިއާގެ ފަރާތުން: އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ
މިނިސްޓަރ އަމީން ފާހަގަކުރެއްވި ގޮތުގައި އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި 6 ވަނަ ޤައުމެވެ. މީގެ ކުރިން މިފަދަ އެއްބަސްވުންތައް އެކުލަވާލާފައިވާ ޤައުމުތަކަކީ:
-
މިޞްރު
-
މޮރިޝަސް
-
ރުވާންޑާ
-
ސީޝެލްސް
-
ސައުތު އެފްރިކާ
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އެއަރލައިންތަކުގެ މެދުގައި ސީދާ ޝެޑިއުލް ދަތުރުތައް ފެށުމުގެ މަގުފަހިވެގެންދާނެއެވެ. ޚާއްޞަކޮށް އެފްރިކާގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ "އިތިޔޯޕިއަން އެއަރލައިންސް" އިން އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށާއި، ރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން އިތިޔޯޕިއާއަށް ދަތުރުތައް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
"މި އެއްބަސްވުމަކީ ރާއްޖޭގެ އިޤުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށާއި، މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް."— މިނިސްޓަރ މުޙައްމަދު އަމީން
މީގެއިތުރުން، ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާޢަތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ދުނިޔޭގެ މުހިންމު ހަބް-އެއަރޕޯޓުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.




