ޖަޕާނު ސަރުކާރުން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދެމުންގެންދާ ހިލޭ އެހީގެ ދަށުން، މިއަހަރުގެ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) ކުރިއަށްގެންދިއުމަށް 152 މިލިއަން ޖަޕަނީސް ޔެން ( 1.02 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ރާއްޖެއަށް ދީފިއެވެ.
މި އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.
ހާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި އެހީގެ ދަށުން ކުރިއަށްގެންދާ ޖޭޑީއެސް ސްކޮލަޝިޕަކީ 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ރާއްޖެއަށް ދެމުން އަންނަ މުހިންމު ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ހަރަކާތްތެރިވާނެ ގާބިލު، އަދި ގައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޒުވާނުން އުފެއްދުން ކަމަށް ހާރިޖީ ވުޒާރާއިން ހާމަކުރެއެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމްގެ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް ޖުމްލަ 17 ދަރިވަރަކު މި ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލްކޮށްގެން ދަސްވެނިވެފައިވެއެވެ. އަދި މިހާރުވެސް ރާއްޖޭގެ ނުވަ ދަރިވަރަކު ދަނީ ޖަޕާނުގެ އެކި ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ހާސިލްކުރަމުންނެވެ.



