އެމެރިކާގެ ވޮޝިންގްޓަން ޑީސީގެ ވައިޓް ހައުސްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޢިރާޤުގެ އައު ބޮޑުވަޒީރު ޢަލީ އަލްޒައިދީ ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ޢިރާޤުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެއްބަސްވެވަޑައިގެންފިއެވެ.
އަންގާރަ ދުވަހު ބޭއްވުނު މި ބައްދަލުވުމަކީ، ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް ވިޔަފާރިވެރިއެއް ކަމަށްވާ އަލްޒައިދީއަށް ޓްރަމްޕް ފާޅުގައި ތާއީދުކުރައްވައި، އީރާނާ ގާތްގުޅުމެއް އޮންނަ ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީއަށް ޓްރަމްޕް ދެކޮޅު ހެއްދެވި ފަހުން ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން، މަޤާމުގެ ރޭހުގައި ކުރިން އުޅުއްވި އަލްމާލިކީ ވަނީ ވޭތުވެދިޔަ އޭޕްރީލް މަހު އެ ފުރުޞަތު ދޫކޮށްލައްވާފައެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ބޮޑުވަޒީރު އަލްޒައިދީއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، އޭނާއަކީ "ފަންނުވެރި، އައު ޗެމްޕިއަނެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ޢިރާޤަކީ ތެލުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދިދާނެ ޤައުމެއްކަން ފާހަގަކުރައްވަމުން، ދެ ޤައުމުގެ ދެމެދުގައި ގިނަ ވިޔަފާރި އެއްބަސްވުންތަކެއް ޤާއިމުކޮށް، ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި، ޢިރާޤުން ގިނަ އަދަދަކަށް ތެޔޮ ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ބޮޑުވަޒީރު އަލްޒައިދީ ވިދާޅުވި ގޮތުގައި މި ދަތުރުފުޅަކީ ކުރީގެ ދަތުރުފުޅުތަކާ ޚިލާފަށް، ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިޤްތިޞާދީ ބައިވެރިވުމަކަށް ބަދަލުވެގެންދާނެ އައު ފެށުމެކެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންވެސް ވަނީ ޢިރާޤުގައި މިހާރު ތިބި އެމެރިކާގެ 2000 އެއްހާ ސިފައިން، މިއަހަރުގެ ސެޕްޓެމްބަރު 30 ގެ ކުރިން މުޅިން ބާލައި ނިންމުމަށް އެއްބަސްވެވަޑައިގެންފައެވެ. މިއީ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމަށް އަލްޒައިދީ މުހުލަތު ދެއްވާފައިވާ ތާރީޚުވެސް މެއެވެ. ޢިރާޤުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަޖިލީހުގައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް، 2003 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ނުފޫޒުގަދަވެފައިވާ ހަތިޔާރުއެޅި ޖަމާއަތްތައް އުވާލައްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ. ނަމަވެސް، އީރާނަށް ތާއީދުކުރާ 'އިސްލާމިކް ރެސިސްޓެންސް އިން އިރާގު' ޖަމާއަތުން ވަނީ އަލްޒައިދީގެ މި އެމެރިކާ ދަތުރުފުޅުން ނުކުންނަ އެއްވެސް ނަތީޖާއެއް ޤަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، އެމެރިކާ-އިސްރާއީލް އަދި އީރާނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޢިރާޤުގެ އިޤްތިޞާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ޚާއްޞަކޮށް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ދުވާލަކު 3.4 މިލިއަން ފީފާ ތެޔޮ އެކްސްޕޯޓްކުރާ ޢިރާޤުގެ 90 އިންސައްތަ ތެޔޮ ބޭރުނުކުރެވި ވަނީ ހުއްޓިފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލްޒައިދީ ވިދާޅުވީ، އޯޕެކް ޖަމްޢިއްޔާއިން ޢިރާޤަށް ތެޔޮ އުފެއްދުމުގެ މަތީ ކޯޓާއެއް ނުވަތަ "އިންސާފުވެރި މިންވަރެއް" ދޭންޖެހޭ ކަމަށެވެ. އައިސިސް އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޢިރާޤަށް 400 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބި، ގިނަ ބައެއްގެ ގެދޮރު ހަލާކުވެފައިވާތީ، އެމީހުން އަލުން އާބާދުކުރުމަށްޓަކައި ޢިރާޤަށް ތެލުގެ އައު ފުރުޞަތުތަކެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.



