ޝައްކުކުރެވޭ މަރުތައް ތަހުގީގުކުރާ، ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސް ވެރިޔާގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް އަލުން އައްޔަންކޮށްފިއެވެ.
ސާމިހު ކުރިން އެ މަގާމުން ދުރުކޮށް، ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށް ބަދަލުކުރީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާއެއްގެ ތަހުގީގާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ. އެއީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައެވެ.
އާންމުންގެ ނުރުހުން
-
ފުލުހުންގެ ނިންމުން: ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ ވެސް ބުނެފައިވަނީ އެއީ އަމިއްލައަށް ވެއްޓުން ކަމަށެވެ.
-
އާއިލާ އާއި އާންމުންގެ ރައްދު: ފުލުހުންގެ މައުލޫމާތުތަކަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޔުމްނުގެ އާއިލާއިން ސާމިހު މަގާމުން ވަކިކުރަން ގޮވާލިއެވެ. އަދި އިންސާފު ހޯދުމަށް ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔައެވެ.
ޔުމްނު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ އަލުން ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ.
ކޮމިޝަނުގެ ރިޕޯޓުގެ ނިންމުން: ޔުމްނު މީހަކު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި، އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް ނުދައްކައެވެ. ނަމަވެސް، ފުލުހުންގެ އެ ތަހުގީގުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އެ ފަރާތްތަކާ މެދު އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ކޮމިޝަނުން ލަފާދީފައިވެއެވެ.



