ފައިސަލް ނަސީމް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިކަން ހާމަކުރެއްވީ އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނައިބުރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުވެސް ގައުމަށް ގެންނަން ބޭނުންވި ބަދަލުތަކަކާއި ގައުމާމެދު ކުރި އުއްމީދުތަކެއް ހުރި ކަމަށާއި، އެކަންކަން ހާސިލުކުރުމަށް އޭރުން ފެށިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އަމިއްލަ ޝައުގުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ފާހަގަކުރެއްވީ ގައުމާ މެދު އޭނާގެ ހިތުގައި ބޮޑު އުއްމީދުތަކެއް އެބައޮތް ކަމަށެވެ. އަދި މި ސިޔާސީ އުއްމީދާއި ޝައުގުވެރިކަން ނެތް ކަމަށް މިއަދު ބުނި ކަމުގައި ވިޔަސް، އެކަން ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ވެސް ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި، އެހެންވީމާ މި ޝައުގުވެރިކަމަކީ، މިއަދު އަޅުގަނޑު ނެތޭ ބުންޏަސް އެ ގަބޫލުކުރާނެ ބަޔަކު ވެސް ނުތިބޭނެ، އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ރައްޔިތުންގެ ގާތުގައި ދައްކާ ވާހަކަތައް ފުއްދައިދެވޭނެ މަގުތައް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި 2028 ވަނަ އަހަރުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކަށް ޕާޓީގެ އެންމެން އިޖާބަދޭން ޖެހޭނެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ މަސައްކަތް ކޮށްފިނަމަ ރިޔާސީ އިންތިޚާބު ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. ފައިސަލް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ކޮންމެ ބޭފުޅަކު އިންތިޚާބަށް ނުކުތް ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި މުޅި ޕާޓީ އެކުގައި ސާބިތުވެ އޮވެގެން ނޫނީ ކާމިޔާބީ ހޯދުން ދަތިވާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް