ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބަންދަށް ވަނީ ގެންގޮސްފައެވެ.
މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، ހދ. ކުޅުދުއްފުށި / ކަގި، ފާޠިމަތު ޢަލީ (32އ) އެވެ. މި ދެ މީހުން ހައްޔަރުކުރީ އެ މީހުން ތިބި ގެސްޓްހައުސް ބަލައިފާސްކުރުމަށްފަހުއެވެ. އެ ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، އޭގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމާއި ބޭނުންކުރާ ކަމުގެ ތުހުމަތުގައި މި ދެ މީހުންގެ ބަންދާމެދު ގތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / އެނީޒާ، އާދަމް މުޙައްމަދު (42އ) އާއި، ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) އެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މައްސަލަވެސް އެ އިދާރާއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



