ތިލަމާލެ ބްރިޖް މަޝްރޫއުގެ %74.9 މަސައްކަތް ނިމިއްޖެ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ "ތިލަމާލެ ބްރިޖް" މަޝްރޫއުގެ %74.9 މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

ބްރިޖްގެ ޑެކަށް ބޭނުންވާ ޖުމްލަ 1،222 ސެގްމެންޓްގެ ތެރެއިން %90.4 ސެގްމެންޓް މިހާރު ކާސްޓްކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން %72.9 ސެގްމެންޓް ގުޅާލުމަށްޓަކައި ވަނީ އިންސްޓޯލްކޮށްފައެވެ. މީގެ އިތުރުން ގުޅިފަޅުގައި ބްރިޖާއި ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތާއި، ތިލަފުށީގައި ޖަހަންޖެހޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ މި ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 26، 2021 ގައެވެ.

ޖުމްލަ 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދަށުން ރަށްތައް ދޭތެރޭ ކަނޑުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް، މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން މި މަޝްރޫއުގައި ހިމެނެއެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން މައިގަނޑު ތިން ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖެވެ.

މީގެ އިތުރުން ވިލިމާލޭގައި އުޅަނދުތައް ދަތުރުކުރަން ރޭމްޕެއް ހެދުމާއި، ގުޅީފަޅުގައި މަގެއް ހެދުމުގެ އިތުރުން ވިލިމާލެ އާއި ތިލަފުށިން ބައެއް ހިއްކުމަށް ވެސް ވަނީ ނިންމާފައެވެ.

ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ޚަރަދުވާ މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ފޯރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް