މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރާ އިއާދަނުކުރެވޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދިނުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ "ފަންޑް ފޯ ރެސްޕޮންޑިންގ ޓު ލޮސް އެންޑ ޑެމެޖް" (އެފް.އާރު.އެލް.ޑީ) ގެ ބޯޑުގެ 9 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 8 އިން 10 އަށް ފިލިޕީންސްގެ ވެރިރަށް މަނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާރޓްމެންޓްގެ ޑިރެކްޓަރ އަލްފާޞިލް އަޙުމަދު ވަޙީދެވެ. ދުނިޔޭގެ އެންމެ ފުރަތަމަ މަލްޓިލޭޓަރަލް ކްލައިމެޓް ފަންޑުގެ ގޮތުގައި ހިމެނޭ އެފް.އާރު.އެލް.ޑީ ގެ ބޯޑުގައި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށްފައިވާ ގޮނޑީގެ އަލްޓަރނޭޓް މެމްބަރެވެ.
މި ހައިސިއްޔަތުން، އެފް.އާރު.އެލް.ޑީ ގެ މަސައްކަތްތަކާއި މެންޑޭޓް ތަންފީޒުކުރުމުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ މުހިންމު ކަންކަމަށް ރިއާޔަތްކުރުމަށް ރާއްޖެއިން މި ބައްދަލުވުމުގައި ވަކާލާތުކުރާނެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ އެފް.އާރު.އެލް.ޑީ ގެ ބާބޭޑޯސް އިމްޕްލިމެންޓޭޝަން މޯޑެލަޓީސްތަކާއި، އޮޕަރޭޝަނަލް ޕޮލިސީތަކުގެ އިތުރުން ފަންޑުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއާ ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަހަމަ ގޮތެއްގައި ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތަކަށް އެކަށީގެންވާ ގޮތަށް މި ފަންޑުގެ މަސައްކަތްތައް ބައްޓަންކުރުމުގައި، މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެއިން ނަގަމުންދާ އިސް ރޯލު މި ބައްދަލުވުމުގެ ސަބަބުން އިތުރަށް ހަރުدަނާވެގެންދާނެއެވެ.




