ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަސައްކަތްތައް މިހާރު މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރަން އުފެއްދި މި އިއްތިހާދުގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށް ނުދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދާދިފަހުން ކުރީގެ ރައީސް ޔާމީން، ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅuވުމާ ގުޅިގެން ސަޕޯޓަރުންގެ ނުރުހުން އަމާޒުވި ނަމަވެސް، އެކަމުގެ ސަބަބުން އިއްތިހާދުގެ މަސައްކަތްތަކަށް ހުރަހެއް ނޭޅޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ސިޔާސީ ބޭނުންތަކަށް ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، ވަކި ހިޔާލެއްގެ ސަބަބުން މި މަސައްކަތް އެއްކޮށް ހުއްޓިފައި ނުވާ ކަމަށްވެސް އެމަނިކުފާނު ބުންޏެވެ.
"އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ. ހުރަހެއް ނާންނާނެ. ދެން ސިޔާސީ ބޭނުންފުޅަށް ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ އެބަ ދައްކަވާ. ދެން އެއަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން" - ރައީސް މުހައްމަދު ނަޝީދު
އިއްތިހާދެއްގެ މަސައްކަތް ވަކި އޮނިގަނޑެއްގެ ތެރެއިން ކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، ތިން ބޭފުޅުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެކުގައި މަސައްކަތް ކުރުމުގެ ވިސްނުން އަދިވެސް އެބަހުއްޓެވެ. މިހާތަނަށް ތިން ރައީސުން ބައްދަލުކުރައްވާފައިވަނީ އެންމެ ފަހަރަކުއެވެ. މި އިއްތިހާދަށް އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ވަނީ ރަސްމީކޮށް ތާއީދުކޮށްފައެވެ.
އިއްތިހާދުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިންތައް އެކުލަވާލުމަށްޓަކައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުންވެސް ވަނީ ޚާއްޞަ މަންދޫބުންތަކެއް ކަނޑައަޅުއްވާފައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުންނަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އަދި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ކަނޑައެޅުއްވި މަންދޫބުންނަކީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި އިސްމާއީލ ޒަރިޔަންދު އެވެ.



