މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގެ ތެރެއިން މިރެއާއި މާދަމާ ރޭ ހަވާ އެރުވުމުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށި މި އެކްސްޕޯ ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިރެއާއި މާދަމާ ރޭ ރޭގަނޑު 10:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އެރުވުން އޮންނާނެއެވެ. މީގެ އިތުރުން މިއަދުގެ ހަރަކާތްތައް ކުރިއަށްދާނީ ކުޑަކުދިންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ބާއްވާ ކުޑަކުދިންގެ ހަވީރަކާއެކުއެވެ.
މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބިގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.
ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ދާއިރު ވެސް އެކްސްޕޯގެ މައި ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ. މި އެކްސްޕޯ އޮންނާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. އެކްސްޕޯއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ.
އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25,000 ރުފިޔާގެ ފައިސާގެ އިނާމު ގުރުއަތުން ލިބުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު 5 އައިޕެޑާއި އެ ނޫންވެސް އެތައް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް މުހިންމު އެކްސްޕޯއެކެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ލިބޭނެއެވެ. އަދި އެމީހެއްގެ އަމިއްލަ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުމަށް ވެސް މި އެކްސްޕޯގެ ތެރެއިން އެހީތެރިވެދޭނެއެވެ.



