ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަންނަން ޖެހޭ ކަމަށް ކަނޑައަޅައި ހައި ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއިދުކޮށްފިއެވެ. މިއާއެކު، ދަށު ކޯޓުގައި މި މައްސަލަ އަލުން ބަލާއިރު އެ ހެކިތަކަށް ކޯޓަކަށް ރިއާޔަތެއް ނުކުރެވޭނެއެވެ.
ހެކީގެ ބަހުސް
އާރަށު މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން އޮތީ އަންގާފައެވެ. ހައި ކޯޓުގެ އެ ނިންމުން ބަދަލުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދައުލަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން އެ އާ ހެކިތައް ހުށަހެޅީ ޝަރީއަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ކަންތައްތަކަކާ ގުޅިގެންނެވެ. އޭރު ކްރިމިނަލް ކޯޓުން އެ ހެކިތައް ބަލައިގަތް ނަމަވެސް، ހައި ކޯޓުން ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުން އެ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުން: "ދައުލަތުގެ ގޯސްތަކަށް ކޯޓުން ފަރުވާއެއް ނުދެވޭނެ"
މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ޖިނާއީ މައްސަލަތަކުގައި ބޮޑެތި ވަސީލަތްތަކާއި ބާރުވެރިކަމާ އެކު ދައުލަތުން ދައުވާ ކުރަނީ އަމިއްލަ ފަރުދުންނާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމުގެ މުޅި ޒިންމާ އޮންނަނީ ދައުލަތުގެ މައްޗަށެވެ.
ކޯޓުގެ ރައުޔު: ދައުލަތުން މައްސަލަތަކުގައި ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތަކުން ފަރުވާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ ޝަރީއަތް ހިންގުމުގެ ހަމަހަމަކަމުގެ އުސޫލާވެސް މުޅިން ދުރު ކަމެކެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން އިއްވެވި ހުކުމްގައި ފާހަގަކުރެއްވި ގޮތުގައި، އާ ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުގައި ފާހަގަ ނުކުރާ އާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ނުކުތާތަކާ މެދު ގޮތް ކަނޑައަޅަން ޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތް ކަމަކަށްވެސް ދައުލަތަށް ބުނެދެވިފައެއް ނުވެއެވެ. އެހެންވެ، ސުޕްރީމް ކޯޓުން ނިންމެވީ ހައި ކޯޓުގެ ހުކުމަށް ތާއިދުކުރުމަށެވެ. ފަނޑިޔާރު ސުޖޫންގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއިދު ކުރައްވައިފައެވެ.
ދަށު ކޯޓުގެ ޝަރީއަތަށާއި ޔާމީންގެ އެހެން މައްސަލަތަކަށް ކުރާނެ އަސަރު
ސުޕްރީމް ކޯޓުން މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް އޮތީ މަޑުޖައްސާލައިފައެވެ. ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބަލާއިރު ދައުލަތުގެ އެ އާ ހެކިތަކެއް ބޭނުމެއް ނުކުރެވޭނެއެވެ.
އާރަށް މައްސަލާގެ އިތުރުން، ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެއެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ. އޭގެ އިތުރުން، ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ދައުވާ ކުރައްވާ މައްސަލައެއްވެސް މިހާރު ހައި ކޯޓުގައި ކުރިއަށް އެބައޮތެވެ.



