މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ސަމާލު ނެރެފައިވަނީ މިރޭ 10:45 އިން ފެށިގެން ދަންވަރު 2:45 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. މީގެ އިތުރުން ކަނޑުތައްވެސް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިންޒާރު ކުރައްވާފައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ދުރާލައި ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.
ކަނޑުމަގުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑުގަދަ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މި ވަގުތުތަކުގައި ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް ކޯސްޓްގާޑުން ބާރުއަޅައެވެ.




