ސަމްޕާ

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ގާޑު (ޕްރޮޕެލާ ގާޑު) އެޅުވުމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން އިތުރު މުއްދަތެއް ދީފިއެވެ.

ސަމްޕާ ސަރަހައްދަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ ސަރަހައްދަށް ވާއިރު، މިއީ ފެހުރިހި ބަލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިންނާއި ސްނޯކްލިންގްގެ ހަރަކާތްތައް ބޯކޮށް ހިންގާ މަރުކަޒެކެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި، މި ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރަން އެންގީ އިންސާނުންނާއި، ފެހުރިއްސާއި، ކަނޑުގެ އެހެނިހެން ދިރުންތައް ރައްކާތެރިކުރުމަށެވެ. މިއީ އެ ސަރަޙައްދުގައި ހިންގާ ފަތުރުވެރިކަމުގެ ހަރަކާތްތަކަކީ އިންސާނުންނަށާއި ތިމާވެއްޓާ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ކަންކަން ކަމުގައި ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނަށް ގެނައި ބަދަލާއެކު، މި މަހުގެ ކުރިން އުޅަނދުތަކުގައި ޕްރޮޕެލާ ގާޑު ހަރުކުރަން ކުރިން އޮތީ އަންގާފައެވެ. އަދި އެ މުއްދަތު ހަމަވުމުން ސަމްޕާ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ގާޑު ހަރުކޮށްފައިވާ އުޅަނދުތަކަށް ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ކުރިން ނިންމިއެވެ.

އޮތޯރިޓީން ބުނިގޮތުގައި، މި ހިނގާ 30 ޖޫން ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށާއި، އެ މުއްދަތުގެ ކުރިން ރެޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުއްދަތެއް ދޭން މިހާރު ވަނީ ނިންމާފައެވެ. އަދި މި ސަރަހައްދު ބޭނުންކުރާ އެންމެހާ ފަރާތްތަކުން ގަވާއިދުތަކަށް އިޖާބަދިނުމަށް އޮތޯރިޓީން އިލްތިމާސްކުރެއެވެ.

"މި ސަރަހައްދުގައި ޤަވާއިދާ ހިލާފަށް ހަރަކާތް ތެރިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މި މިއޮތޯރިޓީއިން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައިވެއެވެ.

ސަމްޕާގެ ނަމުން ނަންދީފައިވާ މި ސަރަހައްދު ބަލަހައްޓަން މިހާރު ފުލުހުންވެސް ވަނީ ނުކުމެފައެވެ. މި ސަރަހައްދުގައި މީގެ ކުރިން ބުރަފަތީގައި ޖެހި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު، ވޭތުވެދިޔަ އަހަރުވެސް އެ ސަރަހައްދަށް މޫދަށް ފޭބި މީހެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި ލިބުނު ޒަހަމްތަކުގައި އެމީހާ ވަނީ މަރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް