ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެއެއްގެ ތެރޭގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުންދިޔަ، މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ފުލުހުން މިއަދު ހެނދުނު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސްފައިވަނީ އެޕާޓްމަންޓެއްގެ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 6:05 ހާއިރު ލިބުމާ ގުޅިގެންނެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ހަމަނުޖެހުން ހިނގި އެޕާޓްމަންޓަށް ފުލުހުން ގޮސް ބެލިއިރު އެތަނުން ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ވަނީ ފެނިފައެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 26 އަހަރުގެ އަންހެނަކާއި، 29 އަހަރުގެ އަންހެނެއްގެ އިތުރުން އުމުރުން 34 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މައްސަލައާ ގުޅިގެން ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ މުހިންމު ހެކިތައް މިހާރު ވަނީ އެއްކޮށްފައެވެ.
މި ހާދިސާ ހިނގި ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ ވަގުތުގެ ބައެއް ފޮޓޯއާއި ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމަންޓުގައި ތިބި މީހުންގެ މެދުގައި ބޮޑެތި ޒުވާބުތަކަކާއި ކޮންމެވެސް ވަރެއްގެ މާރާމާރީއެއް ހިނގާފައިވެއެވެ. މީގެ އިތުރުން އެތަނުގައި ތިބި އަންހެނަކާއި ފިރިހެނަކު ނުބައި ގޮތަކަށް ގައިގޯޅިކޮށް އުޅޭ މަންޒަރުތަކެއްވެސް އެ ވީޑިއޯތަކުން ފެންނަން ހުއްޓެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



