އުސްގެކޮޅަށް ގެއްލުންދޭން މަސައްކަތްކުރި މައްސަލަ ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލަ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އަމަލު ހިންގި ގޮތާއި މީގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

 ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް އެ ވުޒާރާގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން، އުސްގެކޮޅާއި އެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ޒިންމާ ވުޒާރާއާ ޙަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެއެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ވުޒާރާއާ ޙަވާލުކޮށްފައިނުވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1893-1903) ޢިމާރާތްކުރެއްވި، 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ނުހަނު ތާރީޚީ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިއަދާ ހަމައަށް ފެންނާން ހުރި ހަމައެކަނި ބިނާއަށް ވާއިރު، މީގެ 74 އަހަރު ކުރިން ރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު އާންމުންނަށް ހުޅުވުނީވެސް މި އިމާރާތުގައެވެ.

"އުސްގެކޮޅަކީ އެދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ފުރިހަމައަށް ދައްކައިދޭ ބިނާއެކެވެ. މިފަދަ ތާރީޚީ ތަންތަނަށް ދެވޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެންވެއެވެ،" ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް