ކޯޓުތަކުގައި މަސައްކަތް ކުރާ މީޑިއޭޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޕްރޮގްރާމް" ގެ މުހިންމު މަރުހަލާއެއްގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މިހާރު ކުރިއަށްދާ ބުރަކީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއިިން ތަމްރީނު ދޭނެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ، ޓްރެއިނިންގް އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެކެވެ. މި މަހުގެ 21 އިން ފެށިގެން އަންނަ ޖޫން މަހުގެ 28 އިގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި އާއިލީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މީޑިއޭޝަން ޓްރެއިނަރުންގެ ހާއްސަ ޕޫލެއް ބިނާކޮށް ތަމްރީންކުރުމެވެ.
ޖުމްލަ 27 ބައިވެރިންނާއެކު ކުރިއަށްދާ މި ޕްރޮގްރާމް ނިމުމުން، މީޑިއޭޓަރުން ތަމްރީނުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމްގެ ތެރެއިން އަލިއަޅުވާލާފައިވާ ޚާއްސަ ދިރާސާގައި، ކައިވެނީގެ ކުރިންނާއި ކައިވެނި ރޫޅުމަށްފަހު ނުވަތަ ވަރިވުމަށްފަހު އެކި މަރުހަލާތަކުގައި ދިމާވާ އެކި ކަންކަމުގެ މައްޗަށް ވަނީ ފުންކޮށް ބަލާލާފައެވެ. އަދި އެފަދަ ހާލަތްތަކުގައި އާއިލާގެ ތެރެއިން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރާނެ ގޮތްތައްވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން، އާއިލީ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ހަރުދަނާ ނިޒާމުތަކަކާއި، މުޅި މުޖުތަމައުގެ އާއިލީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ގިނަ ކަންތައްތަކެއްވެސް މި ދިރާސާގެ އަލީގައި ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް ވަނީ ހުށަހަޅާފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ކޯޓުތަކުގައި ނުނިމި ހުންނަ އާއިލީ މައްސަލަތަކަށް އަވަސް އަދި ލުއި ހައްލުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




