އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
ވޮޝިންގޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން، ލުބުނާން ހިމެނޭހެން ހުރިހާ މައިދާންތަކެއްގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބަންދު އުވާލުމަށާއި، އީރާނުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމުގެ އިތުރުން، އީރާނު އަލުން އާރާާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ވަނީ ހިމަނާފައެވެ. މީގެ ބަދަލެއްގެ ގޮތުން، އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އިގުރާރުވެފައިވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން ކުރިއަށްގެންދިޔަ މި މަޝްވަރާތަކަށްފަހު އެކުލަވާލި މި އެއްބަސްވުމަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. ރައީސް ޓްރަމްޕް ވަނީ މިއީ ޚާރިޖީ ދާއިރާއިން ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.



