ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ މެމްބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައީސް ނަޝީދު، އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ޕާޓީގެ އެއްވެސް މެމްބަރަކު ވަކިވެގެން ދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ.

އަދި ޕާޓީގެ މެމްބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށްޓަކައި، ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައްޔާއި އޭގެ ފަހުންވެސް މެދުނުކެނޑި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެމްޑީޕީގައި މިހާރު ތިއްބެވީ 43,784 މެމްބަރުންނެވެ. މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ 74,048 މެމްބަރުންނާއެކު، ސަރުކާރު ހިންގާ ޕީއެންސީއެވެ.

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާ ގުޅިވަޑައިގެންނެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ބޭފުޅުން ފެންނަނީ މީކާއީލް ނަސީމްގެ ކެމްޕޭން ހަރަކާތްތަކުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުގައި، ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ އެންމެހައި ކަންކަން ރާވައި، އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ ޗެއާޕާސަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއެކު ޕާޓީގެ ފަރާތުން މުޢާމަލާތްކުރުމާއި، އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޕާޓީގެ ކޮންގްރެސް، ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަކީވެސް ޗެއާޕާސަންގެ ޒިންމާއެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް