މުދާ އުފުލާ ބާޖެއް ޖެހި ހުޅުމާލޭގެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދަށް ވަނުމާއި ޖެޓީ ބޭނުންކުރުން އެޗްޑީސީން މިއަދު މަނާކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބާޖެއް ޖެޓީއަށް ކައިރިކުރަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، ޖެޓީގެ ހާލަތު ދެނެގަތުމަށް ބޭނުންވާ ފަންނީ އެސެސްމަންޓުތައް ހެދުމަށާއި، މަރާމާތުގެ މަސައްކަތް ނިމި، އެތަނުގެ ރައްކާތެރިކަން ކަށަވަރުވަންދެން ޖެޓީ ބަންދުވެފައި އޮންނާނެއެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި އޮންނަ މި ލަކުޑި ޖެޓީއަކީ އާންމުކޮށް ރިސޯޓުތަކުން ދަތުރުކުރާ ލޯންޗުފަހަރު ގާތްކުރުމަށް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ މުހިންމު ތަނެކެވެ.



