ކާރިސާތަކުގައި ބޭނުންކުރާ ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އާ ހަވާލުކޮށްފި

ކާރިސާތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބިފައިވާ، ފަޔަރފައިޓިންގ ޕަމްޕާއި އިކުއިޕްމަންޓް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކޮށްފިއެވެ.

ދިފާޢީ ވުޒާރާއިން ބުނީ މި އެހީގެ ސަބަބުން ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވާން އަތޮޅުތެރޭގެ ރަށްރަށުގައި ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގަމީ ރުމިކޯ ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޢާއިޝަތު ޞަފޫރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ޙަސަނާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް