ދިވެހިރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
މާލެ ސަރަހައްދުން މި ބަލީގެ ދެ ކޭސް ފެނިފައިވާކަން މިދިޔަ ހަފުތާގައި ވެސް އެ އެޖެންސީން ވަނީ އިއުލާނުކޮށްފައެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އަލަށް ފެނުނު ދެ މީހުންނާއެކު މިހާތަނަށް އެ މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) 74 މީހަކު ވަނީ ދެނެގަނެވިފައެވެ.
މި ދެ ކޭސްއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 7 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ވެސް ހިމެނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރަމުން އެޗްޕީއޭ އިން ބުނީ، މި ހަފުތާގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި ދެ މީހުންނާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް "ކޭސް އިންވެސްޓިގޭޝަން" ހެދުމާއި، ކޮންޓެކްޓުން ދެނެގަނެ އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެޗްޕީއޭ އިން އިތުރަށް އިލްތިމާސްކުރީ، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށް ވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، 2020 ވަނަ އަހަރުން ފެށިގެން ދޭތެރެއަކުން މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.




