މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ބޭންކިންގ ވިޔަފާރި ކުރުމުގެ ލައިސަންސް ދީފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮރޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 19 މޭ 2025 ގައި 'ޓިއަރ 1' ބޭންކެއް ޤާއިމްކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން، އެ އޮތޯރިޓީން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކްގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކާއެކު މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް މިއަދު ދޫކޮށްފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ މަޤުޞަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި، ސުޕަވައިޒްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށެވެ.



