ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މާލީ ބަޔާން މިއަދު ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނުގެ މާލީ ހާލަތު މިގޮތަށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
މާލީ ބަޔާނުގައިވާ މަޢުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް އާމްދަނީގެ ގޮތުގައި ޖުމުލަ 705,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަތް 285,024 ރުފިޔާއާއި، ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސް ކުއްޔަށް ދީގެން ލިބުނު 240,000 ރުފިޔާގެ އިތުރުން، މ. ފިގް އިން އާއިލީ ހަދިޔާގެ ގޮތުގައި ލިބިވަޑައިގަތް 180,000 ރުފިޔާއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ މިލްކިއްޔާތުގައި 260,000 ރުފިޔާގެ އަގުހުރި ކާރެއް އޮތްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދަރަނީގެ ހާލަތަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) މެދުވެރިކޮށް ނަންގަވާފައިވާ ލޯނަކަށް 1.3 މިލިއަން ރުފިޔާ ދައްކަވަން އޮތްކަން ބަޔާނުން އެނގެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ނަންފުޅުގައި އެއްވެސް ލޯނެއް ނެތެވެ.
މެޑަމް ސާޖިދާ މުޙައްމަދުގެ އާމްދަނީއަށް ބަލާއިރު، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި 199,999 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ދިމްޔާތު ކުންފުނީގެ މުސާރައިގެ ގޮތުގައި 78,000 ރުފިޔާއާއި، މިނިސްޓްރީ އޮފް ހެލްތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އަދާކުރެއްވި ވަޒީފާއިން 4,927 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކުގެ އިތުރުން އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެއެވެ.



