ލ. ގަން

ލ. ގަމުން ރުއް ބޭރުކުރުމަށް މިހާތަނަށް ދޫކޮށްފައިވާ އެންމެހާ ހުއްދަތައް ބާތިލުކޮށް، އެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލްގެ ރައީސް އަޙްމަދު ޖައުފަރު ސޮއިކުރައްވައި ނެރުއްވި އިޢުލާނެއްގައިވާ ގޮތުން، މި ފިޔަވަޅަކީ ރަށުން ރުއް ބޭރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށް، އެކަން ހިނގާގޮތް ބަލައި މޮނިޓަރ ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

މިއަދުން ފެށިގެން ކުރީގެ ހުރިހާ ހުއްދަތަކެއް އުވައިލެވިފައިވާއިރު، މީގެ ފަހުން ގަމުން ރުއް ބޭރުކުރެވޭނީ ކައުންސިލުން އަލަށް އެކުލަވާލާ އުސޫލުތަކުގެ ދަށުން، އަލުން ހުއްދަ ހޯދައިގެންނެވެ.

ލ. ގަމަކީ ވިޔަފާރި ބޭނުންތަކަށާއި ރިސޯޓުތައް ފެހިކުރުމަށް ފުޅާދާއިރާއެއްގައި ރުއް ބޭރުކުރަމުންދާ ރަށެކެވެ. ނަމަވެސް، ރަށުގެ ބަންޑާރަ ބިންތަކުން ދެމެހެއްޓެނިވި އުސޫލެއް ނެތި ރުއްގަސް ނެގުމުގެ ސަބަބުން ރަށުގެ ފެހިކަން ގެއްލި، ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ ރަށުގެ ރައްޔިތުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

މީގެ އިތުރުން، ގިނަ އަދަދަކަށް ރުއްގަސް ނެގުމުގެ ސަބަބުން ރަށުގެ ފެން ފަށަލައަށް ނޭދެވޭ ބަދަލުތަކެއް އައުމާއި، ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް