ކުރީގެ ތިން ރައީސުން ގުޅިގެން އެކުލަވައިލާ "މަގުޗާޓް" އާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ބޭފުޅުން ކަނޑައަޅުއްވާފައިވާ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި އިއްތިހާދަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިވަޑައިގެން އުފައްދަވާފައިވާ އިއްތިހާދެކެވެ.
މި މަސައްކަތަށް އެކުލަވައިލި ކޮމެޓީގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ތަމްސީލުކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެވެ.
ރައީސް ޞާލިޙްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަލީމާއި، އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.
އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލާއި، އިސްމާޢީލް ޒަރިޔަންދެވެ.
މި ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ތިން ރައީސުން އެކުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމެވެ.
ތިން ރައީސުންގެ އިއްތިހާދުން ސަރުކާރަށް ހުށަހެޅި ފުރަތަމަ މުހިންމު ކަމަކީ، ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި، އެ ނޫސްވެރިންގެ މައްޗަށް ހިންގާ ޝަރީޢަތްތައް ހުއްޓައިލުމަށެވެ.




