މާލެއަށް މޭ 15، 2026 ވަނަ ދުވަހު ކުރި ވިއްސާރަ. ފޮޓޯ: ރާއްޖެ ޓައިމްސް

މި ހަފުތާ ބަންދުގެ ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވެސް ވައިގަދަވާނެ ކަމަށް ބެލެވޭއިރު، މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

މި ވަގުތުތަކުގައި އާންމުކޮށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް