މިހާރު ރާއްޖޭގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ޤައުމެވެ. އަދި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ބިނާވެފައިވަނީ ރައްޔިތުންނަށް ފައިދާއާއި ލާބަ ހޯދައިދިނުމުގެ މައްޗަށެވެ. ޤައުމުގެ މަސްލަހަތު ނޫން އެހެން އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށާއި ކުރަމުންދާ މަސައްކަތްތަކަށް ފާޑުކިޔައި، އެއަށްވުރެ ރަނގަޅު ގޮތްތަކެއް ދެއްކުމުގެ ޤާބިލުކަން އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން ނެރެމުންދާ ނަތީޖާތަކާ މެދު ބަހެއް ބުނެވޭނެ ފުރުޞަތެއް އިދިކޮޅު ފަރާތްތަކަށް ނެތްކަމަށާއި، ޑިމޮކްރަސީގެ ހަމަތަކުން ބަލާއިރު މިވަގުތު ރާއްޖެއިން އެންމެ ބޮޑަށް އުނިވަނީ ޒިންމާދާރު އިދިކޮޅު ހަރަކާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަށްވުރެ ރަނގަޅު ގޮތަކީ މިއީއޭ ބުނެ، ރައްޔިތުންނަށް ހުށަހަޅާނެ އައު ސިޔާސަތެއް އެބޭފުޅުންގެ ނެތް. އެ ފަރާތްތަކުގެ ތެރޭގައި އޮތީ ހަމައެކަނި އަމިއްލަ އެދުން އިސްކުރުން. އެކަކު އަނެކަކަށް އޮންނަންޖެހޭ އިޚްލާޞްތެރިކަމެއް ނުވަތަ އެކުވެރިކަމެއް އެތަނަކު ނެތް. ޤައުމީ މަސްލަހަތު އިސްކުރުމުގެ ވިސްނުމެއްވެސް ނެތް. އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ވަޒަންކޮށް، ޒިންމާދާރުކަމާއެކު ފާޑުކިޔުމުގެ ރޫޙެއްވެސް އިދިކޮޅު ފަރާތްތަކުގެ ކިބައިން ނުފެނޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން އަމިއްލަ މަންފާއަށް އިސްކަންދޭކަން ހާމަކުރައްވަމުން، ކޯވިޑް-19 ގެ ނުރައްކާތެރި ޙާލަތުގައި ހިންގި ވެންޓިލޭޓަރުގެ ޚިޔާނާތަކީ އެފަރާތްތަކުގެ އިޚްލާޞްތެރިކަން ހުރި މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.



