އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން، އަންނަ ސެޕްޓެންބަރު މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ސަރުކާރުގެ ދައުރުގައި އިންޑިއާއިން ޖުމްލަ 150 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެއެވެ.
"ޕްރެސް ވިތު ދަ ސްޕޯކްސް" ޕްރޮގްރާމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އިސް ތަރުޖަމާނު ވިދާޅުވީ ކުރީ ސަރުކާރުން ބޭރުގެ އެކި ޤައުމުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެގޮތުން، އިޤްތިޞާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެސް، އިތުރު ދަރަނި ނުނަގައި މިހާތަނަށް ބިލިއަނެއްހާ ޑޮލަރު ދައްކައި ޚަލާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސަރުކާރުން މިހާރު މިމަސައްކަތްކުރަނީ، ސެޕްޓެންބަރުގައި އެއޮންނަ މުއްދަތުގައި ބާކީ އޮތް 50 މިލިޔަން ދައްކަން. އަޅުގަނޑުމެންގެ ނިޔަތަކީ ދެއްކުންކަމަށްވީއިރު އެދެއްކީމާ، އަޅުގަނޑުމެން އެބޮރޯކުރި ފަރާތުން އަޅުގަނޑުމެންނާ މެދު ދެކޭގޮތްވެސް އެބަ ރަނގަޅުވޭ. އަދި އަޅުގަނޑުމެންނަށް މުސްތަޤުބަލުގައިވެސް ޒިންމާދާރުކަމާއެކު އެފަރާތްތަކާއެކު ތަރައްޤީގެ މަސައްކަތްތައްކުރެވޭނެ." އިސް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ދަރަނި އަދާކުރުމުގައި ދިވެހި ސަރުކާރުން ގެންގުޅެނީ ވަރަށް ޒިންމާދާރު ސިޔާސަތެއް ކަމަށާއި، ލޯނުތައް ދެއްކުމުގެ ސަބަބުން ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް ހުރަސް ނޭޅޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ ރާއްޖޭގެ މާލީ ޙާލަތާއި އިޤްތިޞާދު ހަރުދަނާކުރުން ކަމަށާއި، އެ އަމާޒަށް ވާޞިލުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ހޯމަ ދުވަހު ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.




