މަޖިލިސް ނައިބުރައީސް ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، އޭނާ މަގާމުގެ ބާރު ބޭނުންކޮށްގެން ނޭދެވޭ ފައިދާ ހޯދައި، ފިތުނަވެރިކަން އުފެއްދުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ވަކި ފަރާތަކަށް ޖެހި، މަޖިލީހުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.

އިތުބާރު ނެތްކަމުގެ މި ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވަނީ ނާޒިމް ވަކި ސިޔާސީ ފިކުރަކަށް ތައައްސުބުވެފައިވާ ކަމަށާއި، ނައިބު ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކުން ބަރީއަވެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅާފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ 72 މެންބަރުންގެ ސޮޔާއެކުގައެވެ. މިއީ މަގާމުން ވަކިކުރުމަށް ބޭނުންވާ ގާނޫނީ އަދަދަށްވުރެ އިތުރު އަދަދެކެވެ.

މި މައްސަލަ ކުރިއަށްދާ ދަނޑިވަޅުގައި ނާޒިމް މިހާރު ހުންނެވީ އާއިލާ ދިރިއުޅޭ މެލޭޝިޔާގައެވެ. މަޖިލީހުގެ އިދާރާއިން ވަނީ މި ގަރާރު ލިބިފައިވާކަން ކަށަވަރުކޮށްދީ، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ގަވާއިދު ބުނާގޮތުން 14 ދުވަހުގެ ނޯޓިސްއަކަށްފަހު، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މިދިޔަ މަހު އޭނާ ވަނީ މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީން ވެސް ވަކިކޮށްފައެވެ. މީގެ އިތުރުން، ރައީސް މުއިއްޒު ވެސް ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން ވެސް އިއްޔެ އޭނާ ވަނީ ބޭރުކޮށްލާފައެވެ.

މި ދައުރު މާދަމާ ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މި މަހުގެ 31 އާ ހަމައަށް ދައުރު އިތުރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް