'ދައުރު' ނޫހުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް އަބުރުގެ ދައުވާ ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ކުރިން ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވި އަޒާން މި ދައުވާ ހުށަހެޅުއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 'ދައުރު' ގައި ޝާއިއުކުރި "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި އޭނާގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތަކެއް ހުރި ކަމަށް ބުނެއެވެ.
އަޒާންގެ ފަރާތުން ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ލިޔުމަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ރިޕޯޓު ނޫހުން އުނިކުރުމަށް ނުވަތަ އިސްލާހުކުރުމަށް އަމުރުކޮށްދިނުމަށެވެ.
މީގެ އިތުރުން، ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ހަރަދަށް ހިނގި 28,670 ރުފިޔާގެ އިތުރުން، މައްސަލަ ރެޖިސްޓްރީ ކުރުމުގެ ފީ ނަގައިދިނުމަށް ވެސް ވަނީ އެދިފަވެއެވެ.
އަދި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން، ވަގުތީ އަމުރެއްގެ ދަށުން އެ ލިޔުން އާންމުންނަށް ނުފެންނާނެހެން 'ޑްރާފްޓް' ހާލަތަށް ބަދަލުކުރުމަށް ވެސް އަޒާން ވަނީ ހުށަހަޅުއްވާފައެވެ.



