ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައި، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭނުންވާ ސޮއި މިއަދު ހަމަކޮށްފިއެވެ.

މި ފިޔަވަޅު އަޅަން ނިންމާފައިވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް ނާޒިމް އިންކާރު ކުރެއްވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހުގެ ނުފޫޒުގަދަ ކޮމިޓީތަކުން ނާޒިމް ވަކިކޮށްފައިވާއިރު، މިއަދު ހެނދުނު 6:00 އެހާކަންހާއިރު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ޕީއެންސީގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރުކޮށްލާފައެވެ.

ޕީއެންސީގެ މަސްދަރުތަކުން ބުނާގޮތުގައި، ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ވަނީ ހަމަކުރެވިފައެވެ. މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅުމަށް ބޭނުންވަނީ މަދުވެގެން 24 މެންބަރުންގެ ސޮއި ކަމަށްވާއިރު، 75 މެންބަރުންގެ ބޮޑު އަގްލަބިއްޔަތެއް އޮތް ޕީއެންސީއަށް މިއީ ފަސޭހަ އިޖުރާއާތެކެވެ.

ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ފަރާތުން ވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާތީ، ނާޒިމާ މެދު މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ސީދާ ސަބަބު އަދި ރަސްމީކޮށް ސާފެއް ނުވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް