ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދެ ޑިރެކްޓަރ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ ޙުސައިން އާއި އަޙްމަދު ޢަލީ، ވަކި މުއްދަތެއް ނެތް ގޮތަށް މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑް ކުރެވުނު ދެ ބޭފުޅުންގެ ތެރެއިން ޒަކަރިއްޔާ ޙުސައިން އަކީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާއެވެ. އޭނާއަކީ މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަޙްމަދު ޢަލީ އަކީ މީގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
މި ދެ ބޭފުޅުން ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވީ ނަމަވެސް، އެއީ ކޮން ބާވަތެއްގެ މައްސަލައެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
ޑީޖޭއޭގެ އިސް ދެ އޮފިޝަލުންނަށް ފިޔަވަޅު އަޅާފައި މިވަނީ، އެ އިދާރާގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުޞްޠަފާ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަމްޖަދު އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން ޒަކަރިއްޔާ ޙުސައިން ހުންނެވީ މަސައްކަތުން އެކަހެރިކޮށްފައެވެ.
ކުރިން އެ މަގާމުގައި ހުންނެވި ޢާއިޝަތު ރިޒުނާ ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން، އަމްޖަދު މުޞްޠަފާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަންކުރެވުނީ ފެބްރުއަރީ 2025 ގައެވެ.




