ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު އިސްތިއުފާ ދެއްވައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސްނީ މުބާރިކަށް އަމްޖަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި، މަގާމުން ވަކިވެވަޑައިގަންނަވާ ވަކި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރިން ކުރެއްވި އަމްޖަދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް މަގާމަށް އޭނާ އައްޔަންކުރެވުނީ، އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތީ ނަތީޖާއެއް ހޯއްދެވުމާ ގުޅިގެންނެވެ.

އަމްޖަދުގެ ކުރިން މި މަގާމު ފުރުއްވީ އައިޝަތު ރިޒްނާއެވެ. ރިޒްނާ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްތިއުފާ ދެއްވީ، ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ވިދާޅުވުމަށްފަހުއެވެ.

އީސީގައި ފަސް އަހަރުގެ ދައުރެއް ހަމަކުރެއްވުމުގެ އިތުރުން، އަމްޖަދު ވަނީ އެމްޓީޑީސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި 2020 ވަނަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަންކުރެވުނު ނަމަވެސް، ހަތަރު މަސް ދުވަހަށްފަހު އޭނާ ވަނީ އެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް