މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މިގޮތުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އަދި މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މ. މުލި / ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ) ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކި 32.6 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




