ހުޅުމާލެ މަގުތައް ހަދަން ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް
ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ 91.8 މިލިއަން ރުފިޔާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.

ހުޅުމާލޭގެ މަގުތަައް ހެދުމުގެ މަސައްކަތް ކުރަން ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން މަގުތައް ރަނގަޅުކޮށް މަރާމާތްކުރުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެޗްޑީސީން އެދުވަހު ބުނި ނަމަވެސް އެ މަޝްރޫއުގެ މާބޮޑު ތަފްސީލެއް އޭރު ދީފައެއް ނުވެއެވެ.

އެޗްޑީސީން މި މަޝްރޫއާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ.

އެހެންނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާއި އެކޮމޮޑޭޝަން ބޮލްކޮ އަޅަން އުޅުނު ސަރަހައްދުގައި ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅަން ނިންމުމާއި އެކު އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ނިމުކަށް ގެނެސްފައިވާކަމަށްވެ.

އެގޮތުން ހުޅުމާލޭ މަގުތައް ހަދަން އެ ކުންފުންޏާއި ހަވާލުކުރީ ޗައިނާގެ ރޯޓައިމް ކުންފުންޏާއި އެކު ހެދި ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 5 މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަ މީޓަރުގެ ސަރަހަދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިވަހީގެ އަދި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8012 އަކަ މީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުންވެސް މި އެއްބަސްވުމުގައި ހިމެނޭކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829 ރުފިޔާކަމަށެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 އިންސައްތަ ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންކަމަށްވެސް އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް