ހުޅުމާލޭގައި ބާއްވާ އިވެންޓްތަކުގެ ސްޓޯލް ގަތުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދާފައިވާ ފަރާތެއްތޯ ބެލުމަށް އެދެފި

ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން ޔަޤީންކުރުމަށް އެ ކުންފުނިން އެދެފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު/ފެއަރ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނެގުމަކާ ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެޗްޑީސީގެ ޕާމިޓްސް އެންޑް ސަރވިސަސް ސެކްޝަންގެ 3356112 ނަންބަރާ ގުޅައިގެން، އެ އިވެންޓެއް ރާވާ ފަރާތުން އެޗްޑީސީގެ ހުއްދަ ހޯދާފައިވޭތޯ ޔަޤީންކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އަދި އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި، މިގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލ ީ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން 2025 މޭ 14 ވަނަ ދުވަހު އިޢުލާންކުރި ގޮތަށް، ހުޅުމާލޭގައި ފެއަރ/ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން ވެސް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ދޭ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު ދަންނަވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް