ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން އެކްސްގައި ޢާންމުކުރި ޕޯސްޓެއްގައި ދައްކުވައިދީފައިވާ ޗާޓާ އެއްގޮތަށް، މި ސަރަހައްދު މިރޭ 8:00 އިން ފެށިގެން ބަންދުކުރާނެއެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރެވޭނެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމްކުރުމާއި، ފެން ހިންދާ ނިޒާމެއްވެސް ޤާއިމްކުރަން ހަމަޖެހިފައިވެއެވެ.

އަދި ޑްރެއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫޢަކީ 144.50 މިލިއަން ރުފިޔާގެ އަގުގައި 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް