ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ

ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަން އިއުލާނު ކުރެއްވީ ރައީސް، ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، މިހާރު ނޮޅިވަރަމްގައި ހުރި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެތެރެހަށީގެ ޑޮކްޓަރަކާއި، އެކްސްރޭ މެޝިނެއް ގެނައުމުގެ އިތުރުން، ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.

މި ހޮސްޕިޓަލަކީ ނޮޅިވަރަމްގެ އާބާދީއަށް ނުހަނު މުހިންމު ވަސީލަތެއް ކަމަށް ފާހަގަކުރައްވައި، މި މަޝްރޫއު ނިމިގެންދާއިރު ރަށުގެ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް