ގާނޫނީ ވަކީލެއް ކަމަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ފުލުހަށް

ސައްޙަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ގާނޫނީ ވަކީލެއް ކަމަށް ހެދިގެން އުޅޭ މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް ބާ ކައުންސިލްއިން ނެރުނު ބަޔާނެއްގައި ބުނީ އެމްޕީއެލްގައި ގާނޫނީ ވަކީލެއް ކަމަށް ހެދިގެން މަސައްކަތް ކުރީ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބެލުމަށް އެމްޕީއެލް އިން ބާ ކައުންސިލަށް ހުށަހެޅިކަމަށެވެ.

އަދި އެ މައްސަލަ ބެލި ބެލުމުން އޭނާ އަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށް ފާހަގަކުރެވިފައިވާ ތޫބާއަށް ދޫކޮށްފައިވާކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ"ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ސައްޙަ ނޫން ލިޔުމެއްކަން ފާހަގަކުރެވިފައިވާ ކަމަށް ބާ ކައުންސިލުނގެ ބަޔާނުގައިވެއެވެ.

އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކީ، އެ ތާރީޚްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، 27 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލް ވުޖޫދުވުމަށްފަހު، އެ ގާނޫނުގައިވާ ގޮތުގެމަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ ހަމައެކަނި އިދާރާއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލެވެ.

“ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި، ފާޠިމަތު ޠޫބާ ޢަބްދުﷲ ހިމަނާފައިނުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔަރކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، 20 ސެޕްޓެންބަރު 2020ގެ ތާރީޚުގައިތައްޔާރުކޮށްފައިވާ ދެންނެވުނު ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މި ކައުންސިލުން އިތުރަށް ބެލިބެލުމުން ފާޠިމަތު ޠޫބާ ޢަބްދުﷲ އަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން މި ކައުންސިލަށް ކަށަވަރުކުރެވިފައިވާތީ، މި މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ބާ ކައުންސިލުން ވަނީ ހުށަހަޅާފައެވެ،” ބާ ކައުންސިލްގެ ބަޔާނުގަައިވެ އެވެ..

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް