ރައްކާ ރޯޑް ޝޯވ 2025 ނިންމާލުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވ 2025 ނިންމާލުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވި މި ހަވީރު ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ށ. އަތޮޅު ކައުންސިލު ރައީސް މުޙައްމަދު ޝިޔާމާއި މިލަންދޫ ކައުންސިލު ރައީސް ޢަބްދުﷲ އާތިފްއެވެ.

މިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަަށް ގެންދިޔަ މި ހަވީރުގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ކޮންމެ އިދާރާއަކުން ވެސް ހާއްސަ ސްޓޯލެއް ބަހައްޓާފައިވެއެެވެ.

މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ކުޑަކުދިންނާއި ބެލެނިވެރިން ހިމެނޭގޮތަށް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް މިލަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ މިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ރަށުގެ ވިޔަފާރިވެރިންނާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.

ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސްއެވެ.

ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރެކްފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ފަރާތުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް