އިންސްޕެކްޓަރ ކޯސް 4 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ ”އިންސްޕެކްޓަރ ކޯސް” 4 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދުއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 25 ފިރިހެން ފުލުހުންނާއި ހަ އަންހެން ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެންދާނެއެވެ.

މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް