އައްޑޫ ސިޓީ ހުޅުދޫ އަވަށުން ވިޔަފާރީގެ ބޭނުމަށް 16 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައިފި

އައްޑޫ ސިޓީ ހުޅުދޫ އަވަށުން ވިޔަފާރީގެ ބޭނުމަށް 16 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި އެކަން އައްޑޫ ސިޓީ ކައުންސިލް އިން އިޢުލާނުކޮށްފިއެވެ.

އެ އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުދޫ އަވަށުގެ ކޮމާޝަލް ޒޯން ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، ސިޓީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވަނީ 1،200 އަކަފޫޓާއި 28،150 އަކަފޫޓާ ދެމެދުގެ 16 ބިމެކެވެ. މީގެ ތެރޭގައި ހޯލްސޭލް/ރީޓޭލް/ކެފޭ ރެސްޓޯރަންޓް ވިޔަފާރިއާއި، ޑައިވް ސެންޓަރ/ވޯޓަރ ސްޕޯޓްސް ވިޔަފާރިއާއި ގާޑިޔާ އާއި ފުޑް ޕްރޮސެސިންގެ މަސައްކަތާއި، ފިއުލް ޝެޑެއް ހެދުމާއި، ވެއަރހައުސް އަދި ސިމެންތީގެ މަސައްކަތް ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ހިމެނެއެވެ.

ސިޓީ ކައުންސިލްގެ އިޢުލާނުގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެއިން ފެށިގެން ޖުލައި 03 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހޭނެއެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން އެ އިދާރާގެ [email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް އެ އިދާރާއިން މެއިލް ކުރާނެ ކަމަށެވެ. ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 17 ޖުލައި 2025 ގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް