ޓޫރިސްޓް ފެސިލިޓީ އިންސްޕެކްޝަން ޕްރޮގްރާމް ބ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ބ. އަތޮޅު ރަށްރަށުގައި ގާއިމުކުރެވިފައިވާ ޓޫރިސްޓް ފެސިލިޓީތަކުގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކަންކަން ހުރިގޮތް ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ބ. އަތޮޅު ފުލުހުން ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޖޫން މަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގައި، ކަމަދޫ، ދަރަވަންދޫ، މާޅޮސް، ފުޅަދޫ އަދި ފެހެންދޫގައި ކުރިއަށް ގެންގޮސްފައިވާއިރު އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމުލަ 48 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮތް ބަލައި، ސަލާމަތާއި ރައްކާތެރިކަން ހުންނަންވާ މިންގަނޑަށް ނުފެތޭ ކަންކަން ފާހަގަކޮށް ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ކަމަދޫ އަދި ދަރަވަންދޫ ކައުންސިލާ ބައްދަލުކޮށް ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ރަށަށް އައިސް އުޅޭ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ކަމަދޫ މޫދަށް އެރޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗު ބޯޑު ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް