ބެލުންތެރިން ކެތްމަދުކަމާއެކު އިންތިޒާރުކުރަމުންދާ "ސޮރީ" ޕްރިމިއަރކޮށްފި

ފިލްމީ ދާއިރާގެ ނަން މަޝްހޫރު ޑައިރެކްޓަރ ނަހުލާ، ދިގު މެދުކެނޑުމަކަށްފަހު އާންމުންނާ ހިއްސާކުރާ އޭނާގެ އައު ފިލްމު "ސޮރީ" ޕްރިމިއަރ ކޮށްފިއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވުނު ކުލަގަދަ ހަފްލާއެއްގައި މި ފިލްމު ރަސްމީކޮށް ޕްރިމިއަރކޮށްދެއްވީ ތަޖުރިބާކާރު ޑައިރެކްޓަރ މުޙައްމަދު މުސްތަފާ ޙުސައިންއެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ތަރިންކަމުގައިވާ ޔޫސުފް ޝަފީޢު (ޔޫއްޕެ)، އައްޒަ، މަރިޔަމް ނިޝާ އަދި ޝީލާ ފަދަ ތަރިން ފެނިގެންދާނެއެވެ.

މި ފިލްމުގައި ނަހުލާގެ އެންމެ ހަނގު ދަރިފުޅު ލާލީ އަދި މާމަ ދަރިފުޅު އެވްލީގެ މުހިންމު ދައުރެއް ހިމެނޭއިރު ފިލްމުގެ ތީމް ލަވަ ހުށަހަޅައިދީފައިވަނީ ނަހުލާގެ ދަރިފުޅު ނާޝްއެވެ.

"މިއީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ގެނެސްދޭ ފިލްމެއް. ހުރިހާ ގޮތަކުން ބެލިނަމަވެސް އަހަރެންގެ އެހެން ފިލްމުތަކާ އަޅާކިޔާލެވޭ ވަރުގެ ފިލްމަކަށް ވާނެ،" ނަހުލާ ބުނެފައިވެއެވެ.

ފިލްމުގެ ޕްރިމިއަރ ނައިޓާ ހަމައަށް އައިއިރު 19 ޝޯވގެ ޓިކެޓް ވިއްކިފައިވާއިރު މިއީ ނަހުލާގެ ކުރީގެ ފިލްމު "ޔޫސުފް" އަށް ވިކުނު 17 ޝޯވއަށްވުރެ އިތުރު އަދަދެކެވެ. މާލޭގެ އިތުރުން ރަށްރަށުގައިވެސް "ސޮރީ" އެޅުވުމަށް ޓިކެޓް ވިއްކުން ކުރިއަށްދާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

"ސޮރީ" ފިލްމު އެޅުވުމުގެ ކުރިން ނަހުލާ ވަނީ، ބެލުންތެރިންނަށް ދޭ ޚާއްސަ ހަދިޔާއެއްގެ ގޮތުގައި އޭނާގެ ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ގިސް" ވެސް އިޢުލާންކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް