އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ޤައުމީ ސަރވޭގެ ރިޕޯޓު އިފްތިތާޙުކޮށްފި

އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ޤައުމީ ސަރވޭކަމުގައިވާ "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް" އިފްތިތާހްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ސަރވޭގެ ރިޕޯޓަކީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ވާރލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ހިންގުނު ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ހިމެނޭ ރިޕޯޓެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް" މިއަދު އިފުތިތާހުކޮށްދެއްވީ ނާއިބް ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުއެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި ދިރާސާގެ އަމާޒަކީ ހޯދުންތަކުގެ އަލީގައި، ތަމްރީނު ދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ ޢިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށް ނިދުމުގެ މަގުޗާޓެއް އެކުލަވާލުމެވެ.

ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިގުތިސާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކޮށްފައިވެ އެވެ.

އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

* ފަތުރުވެރިކަމުގެ ދާއިރާ
* ޢިމާރާތްކުރުމުގެ ދާއިރާ
* އިޖްތިމާޢީ ދާއިރާތައް: ތަޢުލީމީ ދާއިރާ އަދި ސިއްޙަތާއި އިޖްތިމާޢީ ޚިދުމަތްތެރިކަމުގެ ދާއިރާ
* ހޯލްސޭލް ރީޓެއިލް، ވިޔަފާރީގެ ދާއިރާ
* އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާ
* ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ
* ދަތުރުފަތުރުގެ ދާއިރާ

ދިރާސާގައި ހިމަނާފައިވާ މި ދާއިރާތަކުން މަސައްކަތްތެރިންގެ ތަފާސްހިސާބާއި ކޮންމެ ދާއިރާއަކަށް އެންމެ ބޭނުންވާ ތަމްރީނާއި ހުނަރުތަކަށް ދިރާސާގައި އަލިއަޅުވާލާފައިވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުޞަތުތައް އެންމެ ބޮޑަށް އިތުރުވާނެ ދާއިރާތަކަކީ ޓޫރިޒަމް، ކޮންސްޓްރަކްޝަން، ހެލްތު އަދި އައިސީޓީ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް