ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފެށި މި މުބާރާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ސައުގުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި އެ މުވައްޒަފުންނަށް ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި ފުލުހުންނަކީ ދުޅަހެޔޮ ބަޔަކަށްވުމަށް ބާރު އެޅުމާއި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ފޯރިއާއި ޖޯޝް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ގޮތުން ފުލުހުންގެ މުއައްސަސާގެ އެކި ބަހާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށްދަނީ ދެ ޑިވިޜަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޜަންގެ 32 ޓީމާއި އަންހެން ޑިވިޜަންގެ އަށް ޓީމާއެކު ޖުމްލަ 40 ޓީމަކުން މި މުބާރާތުގައި ވާދަކުރެއެވެ.

މުބާރާތުގައި ރޭ ވަނީ ޖުމްލަ އަށް މެޗު ކުޅެފައެވެ. އެގޮތުން ފިރިހެން ޑިވިޜަންގައި 5 މެޗެއް ކުޅެފައިވާއިރު އަންހެން ޑިވިޜަންގެ 3 މެޗެއް ކުޅެފައިވެއެވެ.

ރޭ ފިރިހެން ޑިވިޜަންގައިކުޅުނު މެޗުތަކުގެ ނަތީޖާތައް:

  • ކުލަބު އީއެމްއެސް 1- 0 އެޗްއެމްޕީ ލެޖެންޑްސް
  • ޑީއީ 3-1 ޓީއާރުސީ
  • މެރިނަރސް ކުލަބް 5- 0 ސީއައިސީ ސީއޯ
  • ކުލަބް އީސީއައި 1-0 ވިލިމާލެ
  • އެޗްޕީއާރުސީ 0-0 އެސްއޯއާރުސީ ޖޫނިއަރ

އަންހެން ޑިވިޜަންގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް:

  • އެމްއެފްޕީ 2-5 އެސްއޯރާއުސީ ހާޓްބީޓް
  • ޕީއެސް ކުއީންސް 0-3 އެޗްއެމްޕީ ގަރލްސް
  • އައިޑީ ކުލަބު 2-2 ސީއައިސީ އައިޔޫ

ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި މިރޭވެސް 8 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް