ޖެމްކިޔު ހިންގައި، ޕްރޮމޯޓްކޮށް އޭގައި ޝާމިލުވާ މީހުންނާމެދު ޤާނޫނީ ފިޔަވަޅުތައް އަޅާނަން: ފުލުހުން

ޖެމްކިޔު ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ.

ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މި ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި، ޤާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއްވެސް ނޫނެވެ. ބޭރު ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ތަޙުޤީޤުތަކުން، މިއީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުވެފައެވެ.

މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދައްކުވައިދޭ ނަމަވެސް، އެއީ "އޮޅުވާލުމެއް" ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 319 ވަނަ މާއްދާގެ ދަށުން ޕިރަމިޑް ސްކީމްތަކުގައި ބައިވެރިވުމުގެ ޙައްޤު ވިއްކުމަކީ ކުށެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ އާންމު ރައްޔިތުންނަށް، ޓެކްނޮލޮޖީއާ ގުޅުވައިގެން ތަޢާރަފުވަމުންދާ މިފަދަ ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އަނބުރާ ނުލިބޭފަދަ މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް