ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް "ޕޭމަންޓް އެޑްވައިސް" ނޯޓިސް ފޮނުވަން ފަށައިފި

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވަން ފަށައިފިއެވެ.

އެގޮތުން މި ފްލެޓްތަކުގެ ވެރިންނަށް ކޮންމެ ތިން މަހަކުން "ޕޭމަންޓު އެޑްވައިސް" ނޯޓިސް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު މިއީ ގަވައިދުން ކުލި ދައްކަން ހަނދާންކޮށްދީ ނަސޭހަތުގެ ގޮތުގައި ދެވޭ ނޯޓިސްއެކެވެ.

މަޢުލޫމާތުލިބޭގޮތުގައި، ހުޅުމާލެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ގަވައިދުން ކުލި ނުދައްކާކަން ފާހަގަކުރެވިފައިވާިއިރު އަދި ބައެއް ފަރާތްތަކުން ފްލެޓަށް ވަން ދުވަހުން ފެށިގެން މިހާތަނަށް އެއްވެސް މަހަކު ކުލި ދައްކާފައިނުވާކަންވެސް އެނގިފައިވެއެވެ.

އެޗްޑީސީން ކުރިން ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހުޅުމާލޭގެ 5،099 ފްލެޓަކުން ގަވައިދުން ކުލި ނުދައްކާ ކަމަށް ފާހަގަކުރެވިފައިވެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ފެބްރުއަރީ 28 އާއި ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެކޯޕަރޭޝަނަށް (728،193،616.18 ރުފިޔާ) 700 މިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. މީގެ ތެރެއިން ކުލި ދައްކަމުން ގެންދާ ޔުނިޓްތަކުގެ ގޮތުގައި 8،318 ޔުނިޓް ފާހަގަ ކުރެވިފައިވާއިރު، ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 3،219 ޔުނިޓް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ކުލި ނުދައްކާނަމަ ފްލެޓް އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިފައިވީނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް އަތުލާފައި ނުވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި މިހާރުގގެ ސަރުކާރުން ވަނީ ކުޑަކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް