ބަޔަކު ވެގެން ޑޮކްޓަރ މަޖީދު ޝަހީދުކޮށްލީކަމަށް ޝެއިޚް އިމްރާން ތުހުމަތު ކުރައްވައިފި

މީގެ ހަތް އަހަރު ކުރިން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލް ބާރީ އަވަހާރަވީ ނޫން ކަމަށާއި، އެމަނިކުފާނު ޝަހީދުކޮށްލީކަމުގައި ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީ (އޭޕީ) ގެ ރައީސް، ޝެއިޚް އިމްރާން ޢަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

ޝެއިޚް އިމްރާންގެ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެބޭފުޅާ ވިދާޅުވީ، ޑރ. ޢަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ.

"އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީ"، އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ޑރ. މަޖީދު އަވަހާރަވީ 22 މޭ 2018 ގައި ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑރ. މަޖީދު އަވަހާރަވިތާ ހަތް އަހަރު ވެފައިވާއިރު، މިހާތަނަށް އެމަނިކުފާނުގެ މަރާ ގުޅިގެން މިފަދަ ތުހުމަތެއް އެއްވެސް ފަރާތަކުން ކޮށްފައި ނުވާއިރު ޝެއިޚް އިމްރާން މިފަދައިން ތުހުމަތުކުރައްވާފައިވާ ސަބަބެއް ވެސް ހާމައެއް ނުކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް