ޖެޓްސްޓަރ އިން އޭޝިއާގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމައިފި

މަޝްހޫރު ބަޖެޓް އެއާލައިނެއް ކަމަށްވާ ޖެޓްސްޓަރ އިން އޭޝިއާގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމައިފިއެވެ.

އެގޮތުން މި ފެށޭ ޖުލައި މަހުގެ ނިޔަލަށް އޮޕަރޭޝަންތައް ހުއްޓާލާނެކަމަށާއި މިކަމުގެ ސަބަބުން އަސަރުކުރާނެ ފަސިންޖަރުންނަށް ފުލް ރީފަންޑް ލިބޭނެ ކަމުގައި އެ އެއާލައިނުން ވަނީ ބުނެފައެވެ.

ޖެޓްސްޓަރ އެއާލައިނަށް ވަނީ އެއާޕޯޓު ފީ ބޮޑުވުމާއި ސަރަހައްދުގެ ވާދަވެރިކަން އިތުރުވުމާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ނިންމުމާއެކު އެ އެއާލައިންގައި ވަޒީފާ އަދާކުރަމުންދާ 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެތީ މި މުވައްޒަފުންނަށް ވަޒީފާގެ އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްވެސް ކުރަމުންދާކަމަށްވެއެވެ.

އެހެންނަމަވެސް، މި ނިންމުމުގެ ސަބަބުން އޮސްޓްރޭލިއާގައި ޤާއިމްކޮށްފައިވާ ޖެޓްސްޓަރ އެއާވޭސް އާއި ޖެޓްސްޓަރ ޖަޕާނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެއާލައިންގެ ހިއްސާދާރެއް ކަމަށްވާ ގަންޓަސް އިން ބުނެއެވެ.

ކުރިއަށް އޮތް ހަތް ހަފުތާގެ ތެރޭގައި ޖެޓްސްޓަރ އޭޝިއާގެ ފްލައިޓްތައް މަޑުމަޑުން މަދުކުރަމުންދާނެއެވެ. އަދި ފްލައިޓަށް އެއްވެސް ބަދަލެއް އަންނަނަމަ، ދަތުރުކުރާ ފަސިންޖަރުންނަށް އެއާލައިނުން އެކަން އަންގާނެއެވެ.

އެއާލައިންގެ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމަށް ހަމަޖެހިފައިވާ ތާރީޚު ކަމަށްވާ ޖުލައި 31 ގެ ފަހުން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ހުރިހާ ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެއާލައިނުން ގުޅާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް